ރަޝިޔާއިން ނަސްރުގެ ދުވަހުގެ ޕެރޭޑް ބާއްވައިފި
ހުސެއިން އާދަމް

ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނު ބަލިކުރުމުގެ ހަނދާން އާކުރުމަށް މޮސްކޯގައި ބާއްވާ އަހަރީ އަސްކަރީ ޕެރޭޑް ރަޝިޔާއިން ބާއްވައިފިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި މިއަހަރު ކުޑަކޮށްފައިވާ މި ޕެރޭޑް، ރެޑް ސްކޮޔަރގައި ފެށުނީ ހެނދުނު 10:00 (ޖީ.އެމް.ޓީ އިން 07:00) ހާއިރު ރަޝިޔާގެ ދިދަ ހިފައިގެން ތިބި އަސްކަރީ ފައުޖަކާއެކުގައެވެ. ރަޝިޔާގެ އެންމެ މުހިންމު ދީނީ ނޫން ބަންދު ދުވަހުގެ ގޮތުގައި ބެލެވޭ މި ހަރަކާތުގައި ރައީސް ލަޑީމިއަރ ޕޫޓިން ވާހަކަފުޅު ދެއްކެވިއިރު، ސަލާމަތީ ކަންކަން އޮތީ ވަރަށް ވަރުގަދަކޮށްފައެވެ.
"ނަސްރަކީ އަބަދުވެސް އަހަރެމެންގެ އެއްޗެއް، އަދި ކުރިއަށް އޮތް ތަނުގައިވެސް ވާނީ އެހެން،" ސްކޮޔަރގައި ސަފުތަކަކަށް އެތުރިގެން ތިބި ސިފައިންނާ މުހާތަބު ކުރައްވައި ޕޫޓިން ވިދާޅުވިއެވެ.
"ކާމިޔާބީގެ ތަޅުދަނޑިއަކީ އަހަރެމެންގެ އަހުލާގީ ވަރުގަދަކަމާއި، ހިތްވަރާއި ފަންވަރު، އަދި އަހަރެމެންގެ އެއްބައިވަންތަކަމާއި ކޮންމެ ކަމަކަށް ކެތްކޮށް ކޮންމެ ގޮންޖެހުމަކުން އަރައިގަތުމުގެ ގާބިލުކަން" އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ވެރިކަމުގައި ހުންނެވި ޕޫޓިން، ގަވާއިދުން ނަސްރުގެ ދުވަސް ބޭނުންކުރައްވަނީ ގައުމުގެ އަސްކަރީ ބާރު ދައްކާލުމަށާއި، މިހާރު ފަސްވަނަ އަހަރަށް ދެމިގެން ގޮސްފައިވާ ޔޫކްރެއިން ހަނގުރާމައަށް ތާއީދު ހޯއްދެވުމަށެވެ. ނަމަވެސް، ފާއިތުވި 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، މިއަހަރުގެ ޕެރޭޑް ކުރިއަށްދިޔައީ ހަނގުރާމަމަތީ ބޯޓުތަކުގެ އާދައިގެ އުދުހުންތައް ފިޔަވައި، ޓޭންކުތަކާއި މިސައިލްތަކާއި އެހެނިހެން ބަރު ހަތިޔާރުތަކާ ނުލައެވެ.
އޭގެ ބަދަލުގައި، 45 މިނެޓުގެ މި ޕެރޭޑުގައި ދެއްކީ ޔޫކްރެއިންގައި ބޭނުންކުރަމުންދާ ރަޝިޔާގެ އަސްކަރީ އާލާތްތަކުގެ ވީޑިއޯއެއް ކަމަށް މޮސްކޯއިން ރިޕޯޓުކުރި އަލްޖަޒީރާގެ ޔޫލިއާ ޝަޕޮވަލޯވާ ބުންޏެވެ. އޭނާ ބުނި ގޮތުގައި "ޓޭންކުތައް ބޭނުންވަނީ ޕެރޭޑަކަށް ނޫން، ހަނގުރާމައިގެ ކުރީ ސަފަށް." ކަމަށެވެ.
މި ހަރަކާތުގެ ފޯމެޓަށް ބަދަލު ގެނައީ "މިހާރުގެ އޮޕަރޭޝަނަލް ހާލަތަށް" ބަލާފައި ކަމަށާއި، ޔޫކްރެއިންގެ ހަމަލާތަކުގެ ނުރައްކާ އޮތްކަމަށް އޮފިޝަލުން ވިދާޅުވިއެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން "އިތުރު ސަލާމަތީ ފިޔަވަޅުތައް" އަޅާފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު އިއުލާނު ކުރެއްވި ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ބަދަލުކުރުމަށް އޭނާ ކުރެއްވި އިލްތިމާސަށް ރަޝިޔާ އާއި ޔޫކްރެއިން ވަނީ އެއްބަސްވެފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ، ޓްރަމްޕްގެ ބަޔާނާ ގުޅިގެން ގަރާރެއް ނެރުއްވިއެވެ.
އެ ގަރާރުގައި މަލާމާތުގެ ރޫހެއްގައި ރަޝިޔާއަށް ހޮނިހިރު ދުވަހު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހުއްދަ ދެއްވައި، ރެޑް ސްކޮޔަރއަކީ ޔޫކްރެއިންގެ ހަމަލާތަކުން ވަގުތީ ގޮތުން ސަލާމަތްވެގެންވާ ތަނެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.
ޕެސްކޯވް ވަނީ ޒެލެންސްކީގެ މި ގަރާރަކީ "މޮޔަ ސަމާސާއެއް" ކަމަށް ބުނެ އެކަން ބަލައިނުގަނެފައެވެ. ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދީފައިވަނީ ހޮނިހިރު ދުވަހުގެ ހަރަކާތްތަކަށް ހުރަސްއަޅަން ޔޫކްރެއިން މަސައްކަތް ކޮށްފިނަމަ، ކީވްގެ މެދުތެރެއަށް ރަޝިޔާއިން "ވަރުގަދަ މިސައިލް ހަމަލާއެއް" ދޭނެ ކަމަށެވެ.
ރަޝިޔާގެ އަސްކަރީ ޔުނިޓްތަކުގެ އިތުރުން އުތުރު ކޮރެއާގެ ސިފައިން ބައިވެރިވި މި ޕެރޭޑުގައި ޕޫޓިން ދެއްވި ތަގުރީރުގައި، ޔޫކްރެއިންގައި ތިބި އޭނާގެ ސިފައިންނަށް ތާއީދު ހޯއްދެވުމަށްޓަކައި ނާޒީ ޖަރުމަނުގެ މައްޗަށް ސޯވިއެޓް އިއްތިހާދުން ހޯދި ނަސްރުގެ ހަނދާންތައް އާކުރެއްވިއެވެ. "ނަސްރު ހޯދި ޖީލުގެ މަތިވެރި ކާމިޔާބީއަކީ މިއަދު ހާއްސަ އަސްކަރީ އޮޕަރޭޝަންގެ މަގްސަދުތައް ހާސިލުކުރަމުންދާ ސިފައިންނަށް ލިބޭ ހިތްވަރެއް،" ޕޫޓިން ވިދާޅުވިއެވެ. "އެމީހުން ކުރިމަތިލަމުން އެދަނީ މުޅި ނޭޓޯ ބްލޮކުން ހަތިޔާރުދީ ތާއީދުކުރާ އިދިކޮޅު ބާރަކާ. އެހެންނަމަވެސް، އަހަރެމެންގެ ބަތަލުން ދަނީ ކުރިއަށް. އަހަރެމެންގެ މި މަސައްކަތަކީ ހައްގު މަސައްކަތެއްކަން އަހަރެން ޔަގީންކަމާއެކު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.
ނަޞްރުގެ ދުވަސް ބެލަރޫސް އާއި ކަޒަކިސްތާން ފަދަ ކުރީގެ ސޯވިއެޓް އިއްތިހާދުގެ އެހެން ގައުމުތަކުގައިވެސް ފާހަގަކުރެއެވެ.
"މަތިވެރި ވަޠަނީ ހަނގުރާމަ" (ގްރޭޓް ޕޭޓްރިއޮޓިކް ވޯ) ގެ ނަމުން އެ ގައުމުން ނަންދީފައިވާ 1941 އިން 1945 އަށް ހިނގި ހަނގުރާމައިގައި ސޯވިއެޓް އިއްތިހާދުން 27 މިލިއަން މީހުން މަރުވިއެވެ. މިއީ އެ ގައުމުގެ ނަފްސާނީ ދުޅަހެޔޮކަމަށް ފުން އަސަރުތަކެއް ކުރުވި ބޮޑު ގުރުބާނީއެކެވެ. އަދި ކޮމިއުނިސްޓް ވެރިކަމުގެ ދަށުން އެ ގައުމުގެ ބައިބައިވެފައިވާ ތާރީޚުގައި، އެންމެން އެއްބަސްވާ މަދު ކަންތައްތަކުގެ ތެރެއިން ކަމެއްގެ ގޮތުގައި މިކަން ދެމިއޮވެއެވެ.
"އަހަރެމެން މި ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި އޮތް ފަޚުރުވެރިކަމާއި ލޯތްބާއެކުގައެވެ. އަދި އަހަރެމެންގެ މާދަރީ ވަޠަނުގެ މަސްލަހަތާއި މުސްތަގުބަލު ދިފާއުކުރުމަށް އޮތް ގުޅިފައިވާ ވާޖިބު އިހުސާސްކުރާ ހާލުގައެވެ،" ޕޫޓިން ވިދާޅުވިއެވެ.