ވޯލްޑްކަޕް "މާބޮޑުވެ" ބޮޑު ގެއްލުމަކަށް؟
ހުސެއިން އާދަމް

ފީފާ އިން ވޯލްޑް ކަޕަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ވޯލްޑް ކަޕް އޭގެ މިންވަރަށްވުރެ މާ ބޮޑުވެފައިވާ ކަމަށް ބެލެވިދާނެއެވެ. ކުރިއަށްވުރެ ގިނަ ޓީމުތަކާއި، ގިނަ މެޗުތަކާއި، އަދި ކުރިއަށްވުރެ ގިނަ ގައުމުތަކުން މުބާރާތް ބާއްވާ މި "ސުޕަސައިޒްޑް" ވޯލްޑް ކަޕާއެކު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތާ މެދު ބޮޑު ސުވާލެއް ވަނީ އުފެދިފައެވެ. މާ ބޮޑަށް މުބާރާތް "ބޮޑުވުމުގެ" ނަތީޖާއަކަށް ވާނީ ކޮންކަމެއް ހެއްޔެވެ؟
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގެ މި ފަހަރުގެ އެޑިޝަނަކީ، ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކެތްކުރެވޭނެ އެންމެ ފަހު މިންވަރަށް ވާސިލުވުމުގެ ކުރިން، އެ ކުޅިވަރު ފުޅާކުރެވޭނެ އެންމެ ދުރަށް ގެންދާނެ މުބާރާތެވެ.
މެޗުތައް ގިނަވުމުގެ ސަބަބުން މޮޅު ކުޅުންތެރިން ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު ދެމުންދާއިރު ހަށިގަނޑަށް ކުރާ ބާރާއި، އަބަދުވެސް ފުޓްބޯޅަ ދައްކަމުންދާ ޒަމާނެއްގައި ސަޕޯޓަރުންގެ ޝައުގުވެރިކަން ހުންނަ މިންވަރާއި، ޓިކެޓަށާއި ޕާކިންއަށް މީހުން ދައްކަން ޖެހޭ ބޮޑު އަގުތަކަށް ބަލާއިރު، ޖޫން-ޖުލައި މަހު ބާއްވާ މި މުބާރާތާ ކުރިމަތިލާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.
32 ޓީމުގެ ބަދަލުގައި 48 ޓީމަށް މުބާރާތް ފުޅާކޮށް، ގާތްގަނޑަކަށް ހަ ހަފުތާއަށް މުބާރާތް ދެމިގެންދާއިރު، ބައެއް ފަރާތްތަކުން ބުނަނީ މީގެ ސަބަބުން ފީފާގެ އެންމެ އަގުބޮޑު އުފެއްދުމުގެ ފެންވަރު ދަށްވުމުގެ ބިރު އެބައޮތް ކަމަށެވެ.
"އަހަރެން އަމިއްލައަށް ދެކޭގޮތުގައި މީގެ ސަބަބުން މުބާރާތުގެ ފޯރިއާއި ފެންވަރު ކޮންމެވެސް ވަރަކަށް ކުޑަވެއްޖެ. އަދި މުބާރާތް ހަގީގަތުގައި ފެށޭހެން ހީވަނީ ގަދަ 32 ގެ ބުރުން ފެށިގެން،" އެމެރިކާގެ ކުރީގެ ފޯވާޑް ކްލިންޓް ޑެމްޕްސީ އެސޯސިއޭޓެޑް ޕްރެސްއަށް ބުންޏެވެ.
މުބާރާތް ފުޅާކުރުމުގެ ސަބަބުން، ފުޓްބޯޅައިގެ ބަހުރުވައިން ނަމަ "ގްރޫޕް އޮފް ޑެތް" ނުވަތަ ވަރުގަދަ ޓީމުތައް އެއް ގްރޫޕެއްގައި ޖެހުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
މުބާރާތުގެ ކުރީކޮޅު އާންމުކޮށް ފެންނަ ނުތަނަވަސްކަމާއި ވާދަވެރިކަން މިހާރު ވަނީ ގަދަ 16 އާ ހަމައަށް ކުޑަވެފައެވެ. އެއީ ތިންވަނައަށް ދާ އެންމެ މޮޅު އަށް ޓީމަށް ވެސް ގަދަ 32 ގެ ބުރަށް ދިއުމުގެ ފުރުސަތު އޮންނާތީއެވެ.
"އެންމެ ބޮޑު ނުރައްކަލަކީ މުބާރާތުގެ ފޯރި ކުޑަވުން،" 'ދަ ޕަވަރ އެންޑް ދަ ގްލޯރީ: އޭ ނިއު ހިސްޓްރީ އޮފް ދަ ވޯލްޑް ކަޕް' ގެ ލިޔުންތެރިޔާ ޖޮނަތަން ވިލްސަން ބުންޏެވެ.
"މިއީ ފުޅާކުރި ފުރަތަމަ މުބާރާތަށް ވެފައި، ޓިކެޓްގެ އަގުތައް ބޮޑުވުމުން މިފަހަރު ފީފާއަށް މީގެން ސަލާމަތްވެވިދާނެ. އެކަމަކު ގަދަ 16 އާ ހަމައަށް މުބާރާތް ޝައުގުވެރި ނުވާނަމަ، ބްރޯޑްކާސްޓަރުންނާއި ސަޕޯޓަރުން މުބާރާތަށް ދޭ ސަމާލުކަން ކުޑަވެދާނެ،" ވިލްސަން ބުންޏެވެ. "ވޯލްޑް ކަޕް މެޗަކީ ކޮންމެހެން ބަލަންޖެހޭ މެޗެއްގެ އިހުސާސް ކުރެވޭ މެޗަކަށް ވާންޖެހޭނެ. ... 104 މެޗުގެ ތެރެއިން 90 މެޗު އެކަކުވެސް ނުބަލާނެ. އެއީ މާ ގިނަ އަދަދެއް."
ފީފާއިން ބުނަނީ ކުޅިވަރު ކުރިއަރުވަނީ ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވަނީ މުބާރާތް ފުޅާކުރުމުން ފުޓްބޯޅައަކީ "ހަގީގީ ބައިނަލްއަގުވާމީ" ކުޅިވަރަކަށް ވެގެންދާނެ ކަމަށާއި، ވޯލްޑް ކަޕެއްގައި ކުޅުމަށް "ދުވަހަކުވެސް ހުވަފެނެއްގައިވެސް ނުދެކޭ" ގައުމުތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ ފަހަތުގައިވާ ތިއަރީއަކީ، ކޮލިފައިވުމުގެ ފުރުސަތު ބޮޑުވުމުން ގިނަ ގައުމުތަކަކުން ފުޓްބޯޅައިގެ ބިންގަލަށް ކުރާ ހޭދަ އިތުރުކޮށް، މުޅި ދުނިޔޭގައި ފުޓްބޯޅައިގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެވެ.
އަންނަ މަހު ހަތަރު ގައުމަކުން އަލަށް މުބާރާތުގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި އާބާދީގެ ގޮތުން ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމު ކަމަށްވާ ކިއުރަސާއޯ ހިމެނެއެވެ.
"މި މުބާރާތަށް ކޮލިފައިވުމަކީ އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބީއެއް. އެކަމަކު އަހަރެމެން ބޭނުންވަނީ އަހަރެމެންނަށް ކުޅެވޭނެކަން ދައްކައިދީ، އެތަނުގައި ތިބުމަށް އަހަރެމެން ހައްގުކަން ސާބިތުކޮށްދޭން،" ކިއުރަސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ބުންޏެވެ.
އަލަށް ވާދަކުރާ އަނެއް ގައުމުތަކަކީ އުރުދުން، ކޭޕްވާޑް އަދި އުޒްބެކިސްތާނެވެ. ހައިޓީ ވަނީ 1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކޮލިފައިވެފައެވެ.
"ކުޑައިރު އަހަރެމެން އެންމެންވެސް ވޯލްޑް ކަޕް ބެލިން. އަހަރެމެން އެންމެންވެސް ވޯލްޑް ކަޕްގައި ކުޅުމުގެ ހުވަފެން ދެކުނިން. ނަމަވެސް އެއީ ހަމައެކަނި ހުވަފެނެއް، ކުޑަކުއްޖަކަށްވާއިރު ކުރެވޭ ފެންޓަސީއެއް،" ހެއިޓީގެ މިޑްފީލްޑަރު ޔާސީން ފޯޗޫން ބުންޏެވެ. "ކޮލިފައިވެ، ބައިވެރިވެވުމަކީ ތަސައްވަރުވެސް ނުކުރެވޭ ފަދަ ކަމެއް."
މީގެ ތެރޭގައި ހިތްހަމަޖެހުން ގެނެސްދޭ ފަދަ ވާހަކަތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ރީޖަނަލް ފުޓްބޯޅަ ދޫކޮށް، ބްރެޒިލްގެ ސުޕަސްޓާރުން ކަމަށްވާ ވިނީޝިއަސް ޖޫނިއާ އަދި ނޭމާ ފަދަ ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބޭ ހެއިޓީގެ ގޯލްކީޕަރު ޖޯސުއޭ ޑުވާޖާ ހިމެނެއެވެ. ނިއުޒީލެންޑުން ވަނީ އިނގިރޭސި ފުޓްބޯޅައިގެ ފަސްވަނަ ޑިވިޝަނުން މި ސީޒަނުގައި ރެލިގޭޓްވި ބްރެއިންޓްރީ ޓައުންގެ ޑިފެންޑަރު ޓޮމީ ސްމިތަށް ގޮވާލާފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބައެއް ފަހަރު މަދުވުމަކީ އިތުރުވުން ކަމަށެވެ.
އިނގިރޭސިވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް މަހެޓާ މޮލަންގޯ އަކީ، މާ ގިނައިން ފުޓްބޯޅަ ކުޅެން ޖެހުމުގެ ސަބަބުން މޮޅު ކުޅުންތެރިންނަށް ކުރާ އަސަރާ މެދު އިންޒާރު ދެމުންދާ އެންމެ އިސް އެއް އަޑެވެ.
އޭނާ ބުނާ ގޮތުގައި ކުޅިވަރުގެ ފެންވަރު ދަނީ ދަށްވަމުންނެވެ. އަދި ފުޓްބޯޅައިން އެންއެފްއެލް ނަމޫނާއަކަށް ބަލައި، "މަދުވުމުގެ އަގު" ވަޒަންކުރަން ޖެހެއެވެ.
އެންއެފްއެލް އަށް މީޑިއާ ޑީލްތަކުން ކޮންމެ ސީޒަނަކު އެވްރެޖްކޮށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. އެ ލީގުގެ ޓީމުތައް ރެގިއުލާ ސީޒަނުގައި ކުޅެނީ 17 މެޗެވެ. އަދި ސުޕަ ބޯލްއާ ހަމައަށް ދާނަމަ ކުޅެނީ 21 މެޗެވެ.
އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ގިނަ ބަޔަކު ބަލާ ފުޓްބޯޅަ ލީގަށް ވީ ނަމަވެސް، އޭގެ މާލީ ހިސާބުތައް އެންއެފްއެލްއާ ނުބައްދަލެވެ. ޕްރިމިއާ ލީގުގެ ޓީމުތައް ކޮންމެ ސީޒަނަކު 38 މެޗު ކުޅޭއިރު، އެންމެ ފަހުގެ ޑޮމެސްޓިކް ބްރޯޑްކާސްޓް ޑީލްގެ އަގަކީ ހަތަރު އަހަރުގެ މުއްދަތަށް 9 ބިލިއަން ޑޮލަރެވެ. 2022 އިން 2025 އަށް ހެދި ބައިނަލްއަގުވާމީ ޑީލްތަކުގެ އަގަކީ 7.2 ބިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެބައި އެއްކޮށްލުމުންވެސް، އަހަރަކު ލިބޭ ބްރޯޑްކާސްޓް އާމްދަނީ އެންއެފްއެލްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑައެވެ.
ފުޓްބޯޅައަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ކުޅިވަރަކަށް ވާއިރު، މި ކުޅިވަރުން ނެރޭ ނަތީޖާގެ ފެންވަރާ މެދު ވިސްނަން ޖެހޭ ކަމަށް މޮލަންގޯ ބުންޏެވެ.
"އަހަރެމެން އަމާޒު މި ހިފަނީ ޗައިނާ، އެމެރިކާ އަދި އިންޑިއާއަށް. އެހެންކަމުން، އަހަރެން ދެކޭގޮތުގައި މިއީ މަދުވުމުގެ އަގާ މެދު އަހަރެމެން ވިސްނަންޖެހޭ ކަމެއް. ސަބަބަކީ ބައެއް ފަހަރު އަހަރެމެންނަށް ހީވަނީ ގިނަވުމަކީ ރަނގަޅު ގޮތް ކަމަށް، އެކަމަކު އަހަރެން އެކަމާ ދެކޮޅު،" އޭނާ ބުންޏެވެ. "ފެށޭ ތަނަކަށް ވާންޖެހޭނީ އަހަރެމެންގެ މަޝްރޫއުގެ މަރުކަޒަކީ ކުޅިވަރުގެ ފެންވަރު ކަމުގައި ހެދުން."
ކުޅުންތެރިންގެ ސިއްހަތާ މެދު އިތުރުވަމުންދާ ކަންބޮޑުވުންތައް
ސުވާލު އުފެދެނީ ހަމައެކަނި ކުޅިވަރުގެ ފެންވަރާ މެދުގައެއް ނޫނެވެ. އަރާމުކުރަން ލިބޭ ވަގުތު މަދުވުމުގެ ސަބަބުން، މޮޅު ކުޅުންތެރިންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ބުރައާ މެދު ކުޅުންތެރިންގެ ޔޫނިއަންތަކުން ކަންބޮޑުވެއެވެ. މި ވޯލްޑް ކަޕަށް ފަހު، ގިނަ ކުޅުންތެރިންތަކެއް ވާނީ ޖެހިޖެހިގެން ތިން އަހަރު އޮފް-ސީޒަންގައި ބޮޑެތި މުބާރާތްތަކެއް ކުޅެފައެވެ. އެއީ 2024 ގެ ޔޫރޯ އަދި ކޮޕާ އެމެރިކާ އާއި، މިދިޔަ ހޫނު މޫސުމުގައި އަލަށް ފުޅާކުރި ކްލަބް ވޯލްޑް ކަޕަށް ފަހުގައެވެ.
ޑިސެމްބަރު މަހު، ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން ބުނި ގޮތުގައި، ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ޗެލްސީގެ ކުޅުންތެރިންނަށް ލިބޭ އަނިޔާ ވަނީ 44 އިންސައްތަ އިތުރުވެފައެވެ.
ބްރެޒިލްގެ ތަރިން ކަމަށްވާ ރޮޑްރީގޯ، އެޑާ މިލިޓާއޯ އަދި އެސްޓެވާއޯ ހިމެނޭ ގޮތަށް ބައެއް މޮޅު ކުޅުންތެރިން ވަނީ ފަހަކަށް އައިސް ލިބުނު އަނިޔާތަކުގެ ސަބަބުން މި މުބާރާތުން ބޭރުވެފައެވެ.
"މޮޅު ކުޅުންތެރިންނާ މެދު ކަންތައް ކުރެވެނީ ގެރިބަކަރިތަކަކާ މެދު ކަންތައް ކުރާ ފަދައިން،" ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޖޭމީ ކެރެގާ ބުންޏެވެ. "ވޯލްޑް ކަޕްގެ ވަކި ހިސާބުތަކެއްގައި އެ ކުޅުންތެރިންގެ ކުޅުމަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިނަމަ، އަޅުގަނޑު ހިތުން އެ ކުޅުންތެރިން ކުޅެފައިވާ މެޗުތަކުގެ އަދަދާއި، އެ މެޗުތައް ކުޅެން ޖެހޭ ހާލަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ. އަދި ފުޓްބޯޅަ އިންތިޒާމުކުރާ އެއްވެސް ފަރާތަކުން، އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ކަންކަމާ މެދު ދުވަހަކުވެސް ވިސްނާހެނެއް ހީއެއް ނުވޭ."
ގިނަ މެޗުތަކެއް، ފީފާއަށް ބޮޑު އާމްދަނީއެއް
ވޯލްޑް ކަޕަކީ ފީފާއަށް އާމްދަނީ ހޯދައިދޭ މައިގަނޑު ވަސީލަތެވެ. އަދި މުބާރާތް ފުޅާކުރުމުން ލިބޭނެ މާލީ މަންފާ އަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ޖުމްލަ 104 މެޗު ކުޅޭއިރު، މީގެ މާނައަކީ ވިއްކަން ލިބޭ ޓިކެޓުގެ އަދަދު އިތުރުވުމެވެ. އަދި އެންމެ ބޮޑެތި މެޗުތަކުގެ އެންމެ ރަނގަޅު ސީޓުތަކުގެ އަގުތައް ވަނީ އެތައް ހާސް ޑޮލަރަކަށް އުފުލިފައެވެ.
ޖެނުއަރީ މަހު އާންމުކޮށް ޓިކެޓު ވިއްކަން ފެށިއިރު، އަގުތައް ހުރީ 140 ޑޮލަރާއި 8,680 ޑޮލަރާ ދެމެދުގައެވެ. އޭގެ ފަހުން ބައެއް ޓިކެޓުތައް މިއަށްވުރެ ހެޔޮ އަގުގައި ލިބެން ހުރިއިރު، އަނެއްބައި ޓިކެޓުތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ފައިނަލް މެޗުގެ ޓިކެޓެއްގެ އަސްލު އަގު ވަނީ 32,970 ޑޮލަރަށް އަރާފައެވެ.
ފީފާގެ ރީސޭލް މާކެޓްޕްލޭސް މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކުން %30 ކޮމިޝަނެއް ނަގައިގެން އެ އިދާރާއަށް އިތުރު ފައިސާ ހޯދިދާނެއެވެ. އޭޕްރީލް މަހު އެ ޕްލެޓްފޯމުގައި ފައިނަލް މެޗުގެ ހަތަރު ޓިކެޓެއް ލިސްޓުކޮށްފައިވަނީ ކޮންމެ ޓިކެޓެއް ގާތްގަނޑަކަށް 2.3 މިލިއަން ޑޮލަރަށެވެ.
ޓިކެޓުގެ އަގު ކަނޑައެޅުމުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސަޕޯޓަރުން ވަނީ ފީފާއިން "ބޮޑު ހިޔާނާތެއް" ވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޓިކެޓަށް އޮތް ޑިމާންޑް ބޮޑުކަމަށް ފެންނައިރު، ފައިދާއަށް މަސައްކަތް ނުކުރާ އެ ޖަމިއްޔާއިން ބުނަނީ ލިބޭ ފައިސާ އަނބުރާ ހޭދަކުރަނީ ކުޅިވަރު ކުރިއެރުވުމަށް ކަމަށެވެ.
އެހެންކަމަށްވާނަމަ، މިއަހަރު 9 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭތީ، ވޯލްޑް ކަޕުން ފުޓްބޯޅައަށް ބޮޑު މާލީ މަންފާއެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މިހާ ބޮޑުކޮށް ބާއްވާ މުބާރާތަކީ ސަޕޯޓަރުން ފޫހިވާނެ ކަމެއްތޯ ބަލަން އަދި ވަގުތު އެބައޮތެވެ. އޯޑިއަންސް މިންކުރާ ކުންފުންޏެއް ކަމަށްވާ ނީލްސަން އިން ބުނާ ގޮތުގައި އެމެރިކާގައި ބައިނަލްއަގުވާމީ ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ.
2023 އާއި 2025 އާ ދެމެދު އެމެރިކާގެ ޓީވީތަކުން އެންމެ ގިނަ ބަޔަކު ބެލި މެޗަކީ ޔޫރޯ ފައިނަލުގައި ސްޕެއިން އާއި އިންގްލެންޑް ބައްދަލުކުރި މެޗެވެ. އެ މެޗު އެވްރެޖްކޮށް 6.6 މިލިއަން މީހުން ބެލިއެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކު ބެލީ އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި ކޮޕާ އެމެރިކާ ފައިނަލެވެ. އެއީ 6.5 މިލިއަން މީހުންނެވެ.
މި ރިޕޯޓު ތައްޔާރުކުރި އިރު، ފީފާއިން ވަނީ މުބާރާތް ދެއްކުމަށް 180 ސަރަހައްދެއްގެ މީޑިއާތަކާއެކު އެއްބަސްވުންތަކެއް ގާއިމުކޮށްފައެވެ. އަދި އިތުރު އެއްބަސްވުންތައް ކުރިއަށް ހުރިއިރު، މިއިން ދޭހަވަނީ އާންމު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުބާރާތަށް އޮތް ފޯރި އަދިވެސް ވަރުގަދަކޮށް އޮތް ކަމެވެ.