ޚަބަރު

ސްކައުޓް ހަރަކާތަކީ ޒުވާނުން ގުޅުވައިދޭ ބާރެއް - ރައީސް

ހއ

ހުސެއިން އާދަމް

30 މެއި 2026
07:37
ސްކައުޓް ހަރަކާތަކީ ޒުވާނުން ގުޅުވައިދޭ ބާރެއް - ރައީސް

ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބެއްގައި، ސްކައުޓް ހަރަކާތަކީ ދިވެހި ޒުވާނުން އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ގުޅުވައިދޭ ބާރެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ. ރައީސްގެ ޚިޠާބުގައި ވަނީ މި ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ، އަދި ނަފްސު އިސްލާހުކުރުމާއި ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި ޒިންމާދާރު ޖީލެއް ބިނާކުރާ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ޖޯގުރަފީ ދުރުމިން ކައިރިކޮށްދޭ އެއްބައިވަންތަކަމުގެ ވަރުގަދަ ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކައުޓުންނަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމަށް ދިމާވި ކޮންމެ ބޮޑު ކާރިސާއެއްގައިވެސް ސްކައުޓުން ވަނީ އެއްވެސް ޖެހިލުމެއްނެތި ނުކުމެ ޚިދުމަތްކޮށްފައި ކަމަށެވެ. ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ސްކައުޓުން ދެއްކި ހިތްވަރާއި، ހިލޭ ސާބަހަށް ޚިދުމަތްކުރުމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ހުރި ނަމޫނާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ތަޢުލީމީ ހަޔާތުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ، ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ އެމަނިކުފާނުގެ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި މަގުދައްކައިދިން ކަންކަން ކަމަށެވެ. "ކަބް ސްކައުޓް މޮޓޯގައި ބުނާ 'ޑޫ ޔުއަރ ބެސްޓް' އަދި ސްކައުޓް މޮޓޯގައި ބުނާ 'ބީ ޕްރިޕެއަރޑް' އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެންނެވި ތަޖުރިބާތަކެއް،" ރައީސް ވިދާޅުވިއެވެ.

ސްކައުޓް ހަރަކާތް އޭގެ އަޞްލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. އެމަނިކުފާނު ޚިޠާބު ނިންމަވާލެއްވީ ރާއްޖޭގެ ޒުވާނުންނަކީ ޤައުމަށް ފަޚުރުވެރި ޚިދުމަތްތެރި ދަރިންތަކެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް