ހިމަބިހި ފެތުރޭތީ ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމައިފި
ހުސެއިން އާދަމް

މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ކެމްޕޭނެއް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފައެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން މި ބަލީގެ ކޭސްތައް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އެހެންކަމުން ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލީގެ ނުރައްކާ އޮތް މީހުންގެ އަދަދު މަދުކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޝިޔާ ވިދާޅުވި ގޮތުގައި މިހާރުވެސް ބަލިޖެހޭ މީހުންނާ ސީދާ ދިމާވާ ފަރާތްތަކަށް ވެކްސިން ދެމުންދާއިރު، ކުރިއަށް އޮތް ތަނުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އާންމުންނަށް ވެކްސިން ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މިކަމަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނީ 2017 ވަނަ އަހަރު ނަމަވެސް، އޭގެ ފަހުން 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. މިއަހަރުގެ މެއި 13 އިން ފެށިގެން މާލެ ސަރަޙައްދުން 9 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސިއްޙީ މާހިރުން ލަފާދެއްވާ ގޮތުގައި، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން އެ ޑޯޒްތައް ފުރިހަމަކުރުމަކީ ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ މީހުންގެ ތެރެއަށް ނުގޮސް ގޭގައި މަޑުކުރުމަށާއި، ޑޮކްޓަރަށް ދައްކަންދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.