ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

ހއ

ހުސެއިން އާދަމް

30 މެއި 2026
08:36
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، "ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަފްލަހުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ކުރުމަށް ނިންމައި މިދިޔަ އަންގާރަ ދުވަހު ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއަކާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާއެއް ހިމެނެއެވެ.

މީގެ އިތުރުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

މި މައްސަލައާ ގުޅިގެން އަފްލަހު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރަން ފެށުމާއެކު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު، އިންޑިއާގެ މުމްބާއީން އެނބުރި ރާއްޖެ އައުމުން އެއާޕޯޓުންނެވެ. އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އަފްލަހު ވަނީ އެ އަންހެން ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށްފައެވެ. މި މައްސަލައަކީ މުޖުތަމައުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް