ސިޔާސީ

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ހއ

ހުސެއިން އާދަމް

03 ޖޫން 2026
08:29
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އިއުލާން ކުރައްވައިފިއެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ށ. ފޭދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކްރެޓަރީ ޖެނެރަލްކަން ފަދަ މުހިންމު މަގާމުތައް މިހާރު ފުރުއްވިއްޖެ ކަމަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒް އިސްމާއިލް ފަދަ ޒުވާން ބޭފުޅުންނަށް ފުރުސަތު ދެއްވައި، އެ ބޭފުޅުންގެ ފަހަތުގައި ހުންނަވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އުމުރުގެ ގޮތުން ހަގު ޖީލުގެ ބޭފުޅުންނަށް ވެރިކަމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާނެކަން ވެސް ހާމަކުރައްވާފަ އެވެ.

"ދެން ބުނަންތޯ ރައީސް ކަމަކީވެސް ވަރަށް ބުރަ ކަމެއް. އަނެއްކާ ރައީސްކަމުގެ ކެމްޕެއިން ނިމޭއިރުގައިވެސް މީހާއަށްވެސް ވަރަށް ގިނަ ވަރު ވެފައި ހުންނާނީ. ދެން އަޅުގަނޑުވެސް ވަރަށް ގިނަ ކަންތައް ކުރެވިއްޖެ މިހާރު. ރައީސްކަންވެސް ކުރެވިއްޖެ. މަޖިލިސް ރައީސްކަންވެސް ކުރެވިއްޖެ. ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރެވިއްޖެ،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުގެ ސަޕޯޓަރުން އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމަށް އެދެމުންދާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް "ބޮޑު ބަދަލު" ގެ ނަމުގައި ހުށަހެޅުމެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ހުށަހެޅުމުގެ ދަށުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރު ހިންގާ ވެރިޔާ ވަކިކުރެވޭނެ އެވެ. އަދި މި ބަދަލަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ދައުލަތުގެ ވެރިޔާގެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދު ވަނީ ފާޅުކުރައްވާފަ އެވެ.

އަންނަ އަހަރު ބާއްވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދު ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް