ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕާކަކަށް ހަދަން އޮތް ބިމެއް "ވިއްކާލައިފި"
ހުސެއިން އާދަމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފްލެޓުތަކުގެ އުދަރެސް 11 ވަނަ ޓަވަރު ކައިރީގައި ޕާކެއް ނުވަތަ ހިތްފަސޭހަ މައިދާނެއް ހެދުމަށް ކަނޑައަޅާފައިވާ ހުސް ބިމެއް ކުއްލި ގޮތަކަށް ބަންދުކޮށް، އެތަނުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށައިފިއެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އުދަރެސް 11 ގައި ދިރިއުޅޭ އާންމު ރައްޔިތަކު މައުލޫމާތު ދިން ގޮތުގައި، ނިރޮޅުމަގާ ދިމާލަށް އޮންނަ އެ ބިމަކީ ގްރީން އޭރިޔާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިމެއް ކަމަށް ފްލެޓުތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ) އިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އެއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ކަމަށާއި، އެތަން ތަރައްގީ ކުރާނީ ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް، އެ ބިން މިހާރު ބަންދުކޮށް މަސައްކަތް ފަށާފައިވާއިރު، އެތަނުގައި 4 ބުރީގެ ނުވަތަ 10 ބުރީގެ އިމާރާތެއް އެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެ ބިން ވަނީ ނުއަގުގައި ވިއްކާލާފައެވެ. މީގެ އިތުރުން، އާމާން ދޯދި 16 ވަނަ ޓަވަރާ އިންވެގެން އޮތް ހުސް ބިން ވެސް މިގޮތަށް ވިއްކާލާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ރައްޔިތުން ބުނެއެވެ.
މި މަޝްރޫއުގެ ސަބަބުން އުދަރެސް 11 އަދި 12 ޓަވަރުގެ ފްލެޓުތަކުގެ ވެންޓިލޭޝަނާއި ވިއު ގެއްލިގެންދާނެ ކަމަށް ރައްޔިތުން ބުނެއެވެ. "ސޯޝަލް ހައުސިން ޔުނިޓަށް މީހުން ދިރިއުޅުން ބަދަލު ކުރަނީ ހިތްފަސޭހަ ހަމަޖެހޭ ދިރިއުޅުމެއް ބޭނުންވާތީ. ނަމަވެސް މިކަމުގެ ސަބަބުން އެ އުފާވެރިކަން ގެއްލޭ،" ކަމަށް ކަންބޮޑުވުން ފާޅުކުރި މީހާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީ އަދި އެފްޑީސީއަށް ގިނަ ބަޔަކު އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް އިދާރާއަކުން ޖަވާބެއް ދީފައެއް ނުވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ މި ސަރަހައްދުގައި ހުރި ހުސް ބިންތަކުގައި އިތުރު އިމާރާތްތައް އަޅާނަމަ، ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖައްސާލަން ނުކުމެ ތިބޭނެ ޕާކެއް ނުވަތަ ހުސް ބިމެއް ނޯންނާނެ ކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން އެޗްޑީސީ އަދި އެފްޑީސީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.