ޚަބަރު

ފުލުހުންގެ ޑިޕާޓްމަންޓެއް ނޭޝަނަލް އިންޓެލިޖެންސް އެޖެންސީއަށް ހެދުން ގޯސް - ހަމީދު

ހއ

ހުސެއިން އާދަމް

03 ޖޫން 2026
08:47
ފުލުހުންގެ ޑިޕާޓްމަންޓެއް ނޭޝަނަލް އިންޓެލިޖެންސް އެޖެންސީއަށް ހެދުން ގޯސް - ހަމީދު

ފުލުހުންގެ އިންޓެލިޖެންސްގެ ނަން، ގައުމީ އިންޓެލިޖެންސްގެ ނަމަށް ބަދަލުކުރުމަކީ ހެދޭ ގޯހެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ. ފުލުހުންގެ އިދާރީ އޮނިގަނޑަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސްގެ ނަން ވަނީ "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކޮށްފަ އެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމު ވެސް ކުރިން ފުރުއްވި ހަމީދު، އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ފުލުހުންގެ އެންމެ މުހިއްމު މަސައްކަތްކުރާ އެއް ތަނުގެ ނަން ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސެކިއުރިޓީ ސެކްޓަރުގައި ނަމަކީ ހަމައެކަނި ބަހެއް ނޫން ކަމަށާއި، އެއީ އެ އިދާރާއެއްގެ ބާރާއި މެންޑޭޓް އަދި ޒިންމާ ރަމްޒުކޮށްދޭ އެއްޗެކެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސްގެ ނަމަށް "ނޭޝަނަލް" އިތުރުކުރުމުން އެއީ އިންޓެލިޖެންސްގެ އެންމެ އިސް ޒިންމާ އަދާކުރާ އިދާރާކަމަށް ވިސްނޭ ކަމަށެވެ. ނަމަވެސް، އެފަދަ މުއައްސަސާއެއް އުފައްދައި މެންޑޭޓުތައް ކަނޑައެޅިއަސް، އެ މަސައްކަތް ކުރާނެ ގޮތް ބަޔާންކޮށްދޭނެ ގައުމީ އިންޓެލިޖެންސް ގާނޫނެއް ރާއްޖޭގައި މިވަގުތު ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ލީގަލް ފައުންޑޭޝަން ނެތި އެ ނަން ވެސް ވެގެން ދާނީ ބޮޑު މައްސަލައަކަށް. އެކަން އުނދަގޫވާނީ ހަމައެކަނި ދިވެހިންނަކަށް ނޫން. ރާއްޖޭގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ ކަންކަމުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް ވެސް މިކަމުގައި އޮޅުންތައް އަރާނެ،" ހަމީދު ލިޔުއްވާފައިވެ އެވެ.

ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތްތައް މިހާތަނަށް ކުރަމުން އައީ އެކި މުއައްސަސާތަކުން އެ ތަނެއްގެ މެންޑޭޓާ އެއްގޮތަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ އިދާރާތަކުން ވެސް ގައުމީ ސަލާމަތަށް މުހިއްމު މައުލޫމާތު އެއްކުރާ ކަމަށާއި، އެއްވެސް މުއައްސަސާއަކަށް އެކަނި މުޅި މަންޒަރު ނުފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިންމަވާލައްވަމުން ހަމީދު ވިދާޅުވީ، އެއް މުއައްސަސާއަކުން ގައުމީ ޖާގަ ހޯދުމުގެ ބަދަލުގައި، އެންމެ ފައިދާ ބޮޑު ގޮތަކީ ރަނގަޅު ނޭޝަނަލް އިންޓެލިޖެންސް ކޯޑިނޭޝަން ފްރޭމްވޯކެއް އޮތުން ކަމަށެވެ. އަދި އިންޓެލިޖެންސްގައި އިތުބާރު އަންނަނީ ނަމަކުން ނޫން ކަމަށާއި، އެއީ ޕްރޮފެޝަނަލިޒަމްގެ ސަބަބުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް