ފެނަކަ އެމްޑީއަކީ އަމިއްލަ ވެހިކަލެއް، މިނިސްޓްރީގެ ގަރާޖަކަށް ރަޖިސްޓްރީކުރި މީހެއް!
ހުސެއިން އާދަމް

ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަފީފް ހުސެއިންގެ މައްޗަށް މީގެ ފަސް އަހަރު ކުރިން ކުރެވިފައި އޮތް ކޮރަޕްޝަންގެ ތުހުމަތެއް އަލުން ފެންމަތިވެއްޖެ އެވެ. މި މައްސަލައަކީ އޭނާ ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ވެހިކަލެއް މިނިސްޓްރީއެއްގެ ގަރާޖަކަށް ރަޖިސްޓްރީ ކުރި މައްސަލައެކެވެ.
މާލެ ސިޓީގެ ކުރީގެ ކައުންސިލަރު ސައިފް ފާތިހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަފީފާ ދެކޮޅަށް ހެކި ހުރި ނަމަވެސް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާ ކަމަށެވެ. ސައިފް ވަނީ އޭސީސީން އެ މައްސަލަ ބަލައި ނިންމި ގޮތުގެ ރަސްމީ ލިޔުން ވެސް އާންމުކޮށްފަ އެވެ.
އޭސީސީގެ ލިޔުމުގައި ބުނެފައި ވަނީ، އެ މައްސަލަ ތަހުގީގު ކުރިއިރު ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. "މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް، މި މައްސަލައަކީ އެ އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާ މައްސަލައެއް ކަމަށް ވާތީ، މި މައްސަލަ ފައިލް ކުރުމަށް ނިންމީ،" އޭސީސީގެ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނު ބުނާގޮތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އޮންނަނީ އޭސީސީއަށެވެ. ނަމަވެސް އެ މައްސަލައެއްގައި ދައުވާ ކުރުމާމެދު ފަހުގެ ނިންމުން ނިންމަނީ ޕީޖީ އޮފީހުންނެވެ. މި މައްސަލައިގައި ޕީޖީން ދައުވާ ނުކުރަން ނިންމި ސަބަބާ ގުޅޭގޮތުން އެ އޮފީހުގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
މި ތުހުމަތުތައް އަލުން ފެންމަތިވެފައި މިވަނީ އަފީފް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން އަފީފްގެ ފަރާތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.