ދުނިޔެ

ނަތަންޔާހޫއާއި ދިމާއަށް އައުގުރާނަ ގޮވިކަމަށް ޓްރަމްޕް އެއްބަސްވެއްޖެ

ހއ

ހުސެއިން އާދަމް

04 ޖޫން 2026
14:26
ނަތަންޔާހޫއާއި ދިމާއަށް އައުގުރާނަ ގޮވިކަމަށް ޓްރަމްޕް އެއްބަސްވެއްޖެ

އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން ފޯނުން ކުރެއްވި ހޫނު ބަހުސެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށްބުނެ އޭނާއާއި ދިމާއަށް އައުގުރާނަ ގޮވި ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.

މި ހަފުތާގެ ކުރީކޮޅު އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބައިރޫތަށް ދޭން ރާވާފައިވާ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އަދި މަޝްރަހު އިތުރަށް ގޯސްވުމަކީ އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށާއި ސަރަހައްދީ ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމަށް ނުރައްކާވެދާނެ ކަމެއް ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

ބުދަ ދުވަހު ނިއުޔޯކް ޕޯސްޓްގެ 'ޕޮޑް ފޯސް ވަން' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެފަދަ ބަހުރުވައެއް ބޭނުންކުރެއްވި ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށް ވިދާޅުވިތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "އާނ، އަހަރެން އެހެން ބުނިން،" ކަމަށެވެ.

"އޭނާ (ނަތަންޔާހޫ) މެދުނުކެނޑި ލުބުނާނާ ހަނގުރާމަކުރާތީ އަހަރެން ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައި. އެއް ހިސާބަކުން އަހަރެން ބުނިން، 'މިކަން ހުއްޓާލަން އެބަޖެހެއޭ. އަހަރެމެން މިކަން ހުއްޓުވަން އެބަޖެހެއޭ'."

ޓްރަމްޕް އިތުރަށް ވިދާޅުވީ އިސްރާއީލުގެ ލީޑަރާއެކު އަދިވެސް "ވަރަށް ރަނގަޅު ގުޅުމެއް" އެބައޮތް ކަމަށެވެ.

އީރާނާއެކު ކުރިމަތިލުމަކަށް ނަތަންޔާހޫ އޭނާ ކޮއްޕާލި ކަމަށް ދެކެވޭ ވާހަކަތައް ވެސް އެމެރިކާގެ ރައީސް ވަނީ ދޮގުކުރައްވާފައެވެ. އަދި އެފަދަ ތުހުމަތުތައް ކުރާ ކޮންމެ މީހަކީ "ދުޝްމަނެއް" ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއީލުން ފަހަކަށް އައިސް ލުބުނާނުގައި ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހިޒްބުاللهގެ ކޮމާންޑަރުންނާއި އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ދެވޭ ހަމަލާތަކެކެވެ. މީގެ އިތުރުން އިސްރާއީލުގެ ސިފައިން ވަނީ ލުބުނާނުގެ ދެކުނަށް އިތުރަށް ވަދެގަނެ، ލިޓާނީ ކޯރު ފެންނަ ގޮތަށް ހުރި މެދުޒަމާނުގެ ކިއްލާއެއް ކަމަށްވާ ބިއުފޯޓް ކާސަލް ވެސް ހިފާފައެވެ.

ލުބުނާނުގެ ސިއްހީ އިދާރާތަކުން ބުދަ ދުވަހު ބުނި ގޮތުގައި މާޗް މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 3،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތައް ވަރުގަދަވުމާ ގުޅިގެން ތެހެރާނުން ވަނީ ފާޑުކިޔާފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ވެސް ހިމެނެއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އަންގާރަ ދުވަހު އިންޒާރު ދެއްވި ގޮތުގައި، އިސްރާއީލުގެ އޮޕަރޭޝަންތައް ކުރިއަށްދާ ނަމަ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސް އެޅިދާނެއެވެ.

"ލުބުނާނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ކުރިއަށްދާ ނަމަ، އަހަރެމެން މަޝްވަރާގެ މަގު ހުއްޓާލުމުގެ އިތުރުން، ދުޝްމަނާ ސީދާ ކުރިމަތިލުމަކަށް ދާނަން،" އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.

މި ނުތަނަވަސްކަން އުފެދިފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އަށް ހަފުތާވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަނެއްކާވެސް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ބުދަ ދުވަހު އީރާނުގެ ގޭޝްމް އައިލެންޑަށް "އަމިއްލަ ދިފާއުގައި ހަމަލާތަކެއް" ދީފައިވާ ކަމަށެވެ. އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބުނީ އެމެރިކާގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާ ގުޅުންހުރި ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. މި ކުރިމަތިލުންތަކުގެ ތެރޭގައި ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް