ސިޔާސީ

ރާއްޖެއަށް ފިޗުން ދިން ރޭޓިން އެކޭ، ވެންޓިލޭޓަރުގައި އޮތް މީހަކު ލޮލުގެ ބޮނޑި ތަޅުވާލުމެކޭ އެއްފަދަ: ޔާމީން

ހއ

ހުސެއިން އާދަމް

05 ޖޫން 2026
05:24
ރާއްޖެއަށް ފިޗުން ދިން ރޭޓިން އެކޭ، ވެންޓިލޭޓަރުގައި އޮތް މީހަކު ލޮލުގެ ބޮނޑި ތަޅުވާލުމެކޭ އެއްފަދަ: ޔާމީން

ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ކްރެޑިޓް ރޭޓިން އެޖެންސީ 'ފިޗް' އިން އެންމެ ފަހުން ނެރުނު ރޭޓިންއަކީ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ސަރުކާރުން މި ރޭޓިންއާ މެދު އުފާފާޅުކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ފިޗް ރޭޓިންއަށް އައި ކުޑަ ބަދަލަކީ ސަރުކާރުގައި ތިބި އިޤްތިޞާދީ ދާއިރާގެ ބޭފުޅުންނަށް "ޢީދެއް" އައިސްގެން އުޅޭ ފަދަ ކަމަކަށް ހަދައިގެން އުޅޭ ކަމަށެވެ. ނަމަވެސް މިއީ އިޤްތިޞާދުގެ އަސްލު ފަންޑަމެންޓަލްސް ރަނގަޅުވެގެން އައި ބަދަލެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، "މި ވެގެންއުޅޭ އެކަމަކީ، ވެންޓިލޭޓަރ ލާފައި އޮތްއިރު، ޑޮކްޓަރުންވެސް ގިވަރޕް ކޮށްފި. ތިމާގެ މީހުންވެސް ކުރާނެކަމެއް ނެތި ގޮތް ހުސްވެފައި އޮއްވާ، ކުޑަކޮށް ލޮލުގެ ބޮނޑި ތަޅުވާލުން ކަހަލަ ކަމެއް މިއީ. އެކަމަކު އޭގެ މާނައަކީ އޭނައަކަށް އަދި ދިރުން އައީއެއް ނޫން،" ކަމަށެވެ.

'ޑަބަލް ސީ' ރޭޓިންއެއްގައި އޮވެފައި އަވައްޓެރި ސްރީލަންކާ ވެސް ބޭންކަރަޕް ވެގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކްރެޑިޓް ރޭޓިންއެއް ހަދަން ފެށީ އެމަނިކުފާނުގެ ވެރިކަމުގައި 2017 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެކަމުގެ ބޭނުމަކީ ދުނިޔޭގެ ޤައުމުތަކުގެ ސަފުގައި ރާއްޖެ ހިނގުމާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުން ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު ބަލަން ބޭރުގެ ފަރާތްތަކުން ވޯލްޑް ބޭންކާއި އައިއެމްއެފްގެ ރިޕޯޓުތަކަށް ބަލާނެތީ، ކަންޓްރީ ރޭޓިންއެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ޔާމީން ވިދާޅުވީ، ފިޗް ރޭޓިންއަށް އައި ކުޑަ ލުޔަކީ ވަގުތީ ކަމެއް ކަމަށާއި، އޭގެއިން އިޤްތިޞާދު މުޅިން ރަނގަޅުވާން އުޅޭ ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ދަރަނި ދެއްކުމުގެ ޤާބިލުކަމާ މެދު އޮތް ބިރުވެރިކަން އަދިވެސް ފިލައިގެން ނުދާކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް