ނާޒިމް، ރައީސް އޮފީހުގެ ޕްރިންސިޕަލްގެ މަގާމަށް އައްޔަންކޮށްފި
ހުސެއިން އާދަމް

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައިފިއެވެ. މިދިޔަ އޭޕްރީލް 14 ވަނަ ދުވަހު ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނާޒިމް އައްޔަންކުރެއްވީ މިނިސްޓަރުގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ނާޒިމް މި މަގާމަށް އައްޔަންކުރެއްވީ މި ހަފުތާގެ ތެރޭގައެވެ. މި ސަރުކާރު އުފެދުމާއެކު ނާޒިމް އެންމެ ފުރަތަމަ ވެސް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައެވެ. ނަމަވެސް، ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު ސެޕްޓެމްބަރު 30، 2024 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފައެވެ.
މިދިޔަ އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރުގެ ކަންކަން ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެ 10 މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ނާޒިމްގެ އިތުރުން އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުންނަށް ވެސް މިހާރު ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ދެއްވާފައެވެ.
އެގޮތުން، ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ގަތަރުގައި ހުންނަވާ ސަފީރުގެ މަގާމަށް އަދި އޭރު އިސްތިއުފާ ދެއްވި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ ސަފީރަކަށް އައްޔަންކުރަން ރުހުން ހޯދުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.