ރައީސް މުއިއްޒަކީ ކަނޑުކޮހެއް - ޖަމީލް
ހުސެއިން އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ތަންދޮރު ނުދަންނަ ބޭފުޅެއްގެ ގޮތުގައި މިއަދު ސިފަވަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވީ ރައީސް އޮފީހުގެ މުޝީރު ކަމަށް ކުރީގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް އައްޔަންކުރެއްވިތާ ގިނަ އިރުތަކެއް ނުވަނީސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ މެދު ސުވާލު އުފައްދަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަމީލު ވިދާޅުވީ މިފަދަ ކަންކަމުން ފެނިގެންދަނީ ރައީސް މުއިއްޒަކީ އެއްވެސް ސިޔާސަތެއް ނެތް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ތަންދޮރު ނުދަންނަ ގަމާރު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައްޔިތުން އެއްވާ ހޮޅުއަށިތަކާއި އެކި މަހަލްތަކުގައި މިއަދު ރައީސް މުއިއްޒަށް މަލާމާތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުމަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، އެއްވެސް އެއްޗެއް ނޭނގޭ މީހަކަށް ވެރިކަމެއް ލިބުމުން ހަދާނެ ގޮތެއް ނޭނގި ތެޅިފޮޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. "މިފެންނަނީ މުއިއްޒުއަކީ ސިޔާސަތެއް އޮތް ބޭފުޅެއް ނޫންކަމުގެ ހެކި. މިއަދު މުއިއްޒު ސިފަވަނީ ސީދާ ކަނޑުކޮހެެއްގެ ގޮތުގައި،" ޖަމީލު ވިދާޅުވިއެވެ.
ޑރ.ޖަމީލުގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ، އެއްވެސް ކަމެއް ނޭނގޭ މީހަކަށް ވެރިކަން ލިބިގެން މިއަދު ފެންނަނީ ތެޅިފޮޅޭ މަންޒަރު ކަމަށާއި، މިއީ ގައުމަށް ހިތާމަވެރި ކަމެއް ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ ވާހަކަދައްކަވާފައެވެ.