ސިޔާސީ

އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

ހއ

ހުސެއިން އާދަމް

14 ޖޫން 2026
08:34
އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

މި ސަރުކާރުގެ ފުރަތަމަ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނު، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ދައުލަތުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މައުލޫމާތު މީގެ ކުރިން ސަރުކާރުން ހާމަކުރި ނަމަވެސް، ޒީނާޒަށް މި މަގާމު ދެއްވިކަން ސަރުކާރުން ރަސްމީކޮށް އިސްވެ ހާމަކުރައްވާފައެއް ނުވެއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޒީނާޒު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ އޮފީހަށް ނުކުންނަވަން ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި، މިހާރު މަސައްކަތް ކުރައްވަނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައި ކަމަށްވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ޒީނާޒަކީ މީގެ ކުރިން ކުޑަކުދިންގެ ހިޔާ ބެލެހެއްޓުމުގެ ޒިންމާ ވެސް އުފުއްލަވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. މި ސަރުކާރުގެ ކުރީކޮޅު އޭނާ ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އޭގެ ފަހުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އިސް މަގާމެއް ދެއްވި ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް، އެކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޒީނާޒުގެ ފިރިކަލުން އާދަމް ޝަރީފް އުމަރު ވަނީ ދާދި ފަހުން މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ހިނގި ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ނިންމަވާފައިވަނީ އާދަމް ޝަރީފް ރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް