ދެ އަހަރުވާން ކައިރިވާއިރު ވެސް މުވައްޒަފުންނަށް ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރޭ
ހުސެއިން އާދަމް

ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ، ޕެންޝަން ފަންޑަށް ޖަމާނުކޮށްދޭ ކަމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ. މި މައްސަލަ ހައްލުކުރުމަށް މިހާރު ފިނޭންސް މިނިސްޓްރީއާއި ޕެންޝަން އޮފީހާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ މުސާރަ މިހާރު ބަރާބަރަށް ދެމުންދިޔަ ނަމަވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. "މުސާރަ ބަރާބަރަށް ދީފި، ދެން ޕެނަޝަން ފަންޑުގެ މައްސަލަ ހައްލުކުރުމަށް ފިނޭންސް އާއި ޕެންޝަން އޮފީސް އަދި ވެމްކޯ ގުޅިގެން މަޝްވަރާކުރަމުންދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވެމްކޯއިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައިވަނީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ 19 މަސްދުވަހު އެ ކުންފުނިން ޕެންޝަން ފައިސާ ދައްކާފައެއް ނުވެއެވެ. މި މައްސަލައިގައި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ބައެއް މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން އިހުތިޖާޖުތައް ވެސް ކުރަމުންނެވެ.
މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބި، މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުން ކަމަށް ވެމްކޯއިން ބުނެއެވެ. ޚާއްޞަކޮށް މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ބޮޑު އަދަދެއް ނުލިބި އޮތްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޕެންޝަން ގާނޫނު ބުނާގޮތުން ވަޒީފާދޭ ފަރާތުން ހަތް އިންސައްތަ އަދި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާއެކު ޖުމުލަ 14 އިންސައްތަ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ޖަމާކުރަންޖެހެއެވެ. ވެމްކޯއިން ބުނީ މުވައްޒަފުންގެ މުސާރައިން އުނިކުރާ ފައިސާއަކީ އެ މުވައްޒަފުންގެ ހައްގެއް ކަމަށާއި، ކުންފުންޏަށް އާމްދަނީ ހޯދުމުގައި ހުރި ދަތިތަކާ ހުރެ އެ ފައިސާ ޖަމާނުކުރެވި އޮތް އޮތުން ހައްލުކުރުމަކީ މިހާރު އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ.