ސިޔާސީ

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމައިފި

ހއ

ހުސެއިން އާދަމް

16 ޖޫން 2026
04:59
އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމަށް ނިކަމެތިކަން ލިބޭ ގޮތަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރެއް، ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ސެކްރެޓޭރިއެޓުން ހުށަހެޅި މި ގަރާރު ފާސްކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށާއި، ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހުމަކީ އެމްޑީޕީން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ.

މި ގަރާރުގައި ސަރުކާރާ ދެކޮޅަށް މައިގަނޑު ތިން މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ދިޔުމުގެ އިތުރުން، އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުން ދިޔުމެވެ.

ޚާއްސަކޮށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ ނިމިފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫއުތައް ހިމެނޭކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީ އަށް ތާއީދުކުރާ މުވައްޒަފުންނާ މެދު އެއްވެސް އިންސާފެއް ނެތި، ގާނޫނާއި ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރެއެވެ.

މިކަންކަމާ ދެކޮޅަށް ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމުގެ އިތުރުން، ސިޔާސީ ގޮތުން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަމާއި އެހެނިހެން އެއްބާރުލުން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު، ސަރުކާރުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ރަށު ކައުންސިލްތަކުން ހަވާލުވެ، އެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށްޓަކައި އެމްޑީޕީން ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރުމަށް ވެސް ހޯމަ ދުވަހުގެ ރޭ ފާސްކުރި ގަރާރުގައި ވަނީ ހިމަނާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް