ކުޅިވަރު

ދިވޭޝިއާ 3x3 ސްވިޝްގެ ދެ ކެޓަގަރީގެ ޗެމްޕިއަންކަން އާޖީލަކަށް ހޯދައިފި

ހއ

ހުސެއިން އާދަމް

29 ޖޫން 2026
12:29
ދިވޭޝިއާ 3x3 ސްވިޝްގެ ދެ ކެޓަގަރީގެ ޗެމްޕިއަންކަން އާޖީލަކަށް ހޯދައިފި

މިދިޔަ ހޮނިހިރު ދުވަހު މެލޭޝިއާގެ ކްރޮސްކޯޓުގައި ބޭއްވި ދިވޭޝިއާ 3x3 ސްވިޝް 2026 މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، އާޖީލަކަ އިން މުބާރާތުގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ދިވޭޝިއާ އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތުގެ ދެވަނަ އެޑިޝަނަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަމާއި، ކުޅިވަރުގެ ރޫހާއި، އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވުނު ފޯރިގަދަ މުބާރާތެކެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ލޮނަ ސްޕޯޓްސް ކްލަބާ ވާދަކޮށް އާޖީލަކަ ޗެމްޕިއަންކަން ހޯދިއިރު، އަންހެން ޑިވިޝަނުގެ ފައިނަލުގައި ވޯޓެކްސް ބަލިކޮށް އާޖީލަކަށް ވަނީ އެ ކެޓަގަރީގެ ވެސް ތަށި އުފުލާލާފައެވެ.

މުބާރާތް ނިމުމުން ވަނީ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ހާއްސަ އެވޯޑުތައް ދީފައެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މޯސްޓް ވެލިއުބަލް ޕްލޭޔަރ އަކަށް އަލާން އިރުފާން ހޮވުނުއިރު، އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޒުހާ އަޝްރަފް އަލީއެވެ.

އެންމެ މޮޅު ދެ ކުޅުންތެރިންނަށް ވަނީ ބޫޓްރޫމް އިން ސްޕޮންސަރ ކޮށްފައިވާ، ބާސްކެޓްބޯޅަ ބޫޓު ގަނެވޭނެ ވައުޗަރެއް ހަދިޔާކޮށްފައެވެ.

މި މުބާރާތުގެ ދެ ޑިވިޝަނުން ޗެމްޕިއަންކަން ހޯދި ޓީމުތަކަށް 1,600 މެލޭޝިއަން ރިންގިޓްގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމުތަކަށް ދީފައިވަނީ 1,200 ރިންގިޓެވެ.

ދިވޭޝިއާ 3x3 ސްވިޝް އަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބާސްކެޓްބޯޅައިގެ ޒަރީއާއިން ގުޅުން ބަދަހިކުރުމަށް ފެށި ހަރަކާތެކެވެ. ކޮންމެ އަހަރަކު ބާއްވާ މި މުބާރާތް ދަނީ އަހަރަކަށްވުރެ އަހަރެއް ފުޅާވަމުންނެވެ.

މި އަހަރުގެ މުބާރާތުގެ އޮފިޝަލް ސްޕޯޓްސް މީޑިއާ ޕާޓްނަރުންނަކީ ސިޑިބަރި އަދި ބާސްކެޓު އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް