ލައިފް ސްޓައިލް

އީލޮން މަސްކް: މެކެންޒީގެ 26.3 ބިލިއަންގެ ހިލޭ އެހީގެ ސަބަބުން ދުނިޔެ ވަނީ "އިތުރަށް ގޯސްވެފައި"

ހއ

ހުސެއިން އާދަމް

30 ޖޫން 2026
07:08
އީލޮން މަސްކް: މެކެންޒީގެ 26.3 ބިލިއަންގެ ހިލޭ އެހީގެ ސަބަބުން ދުނިޔެ ވަނީ "އިތުރަށް ގޯސްވެފައި"

ބިލިއަނަރު އަދި ޓެސްލާގެ ސީއީއޯ އީލޮން މަސްކް، އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ ކުރީގެ އަނބިކަނބަލުން މެކެންޒީ ސްކޮޓް ކުރައްވަމުން ގެންދަވާ ހިލޭ އެހީގެ މަސައްކަތްތަކަށް ފާޑުވިދާޅުވެ، އޭނާގެ ބޮޑެތި ހަދިޔާތަކުގެ ސަބަބުން ދުނިޔެ "އިތުރަށް ގޯސްވަމުންދާ" ކަމަށް ބުނުމާ ގުޅިގެން އާ ބަހުސެއް ވަނީ އުފެދިއްޖެއެވެ.

މަސްކް މި މޭރުމުން ވާހަކަދެއްކެވީ، 2019 ވަނަ އަހަރު ބޭޒޯސްއާ ވަކިވި ފަހުން ސްކޮޓް ދެއްވަމުން ގެންދަވާ ގިނަގުނަ އެހީތަކާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސްކޮޓް ވަނީ ޗެރިޓީތަކަށް 26.3 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހަދިޔާކުރައްވާފައެވެ.

މިއާއެކު އޭނާ ވެފައިވަނީ ޒަމާނީ ތާރީޚުގައި އެންމެ ގިނައިން އަމިއްލަ ހައިސިއްޔަތުން ހިލޭ އެހީ ދެއްވާ އެކަކަށެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވަމުން މަސްކް ލިޔުއްވާފައިވަނީ "ހިތާމައާއެކު ބުނަންޖެހެނީ، އާނއެކޭ" އެވެ. މިއީ ސްކޮޓްގެ ހަދިޔާތަކުގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނާ ވާހަކައަށް އޭނާ އެއްބަސްވެވަޑައިގަތުމެވެ.

ބޭޒޯސްއާ ވަކިވުމުގެ އެއްބަސްވުމުގެ ދަށުން އެމެޒޯންގެ ބޮޑު ހިއްސާއެއް ލިބިވަޑައިގެންނެވި ސްކޮޓް މަޝްހޫރުވެފައިވަނީ ހިލޭ އެހީ ދިނުމުގައި އޭނާ ގެންގުޅުއްވާ ތަފާތު އުސޫލުގެ ސަބަބުންނެވެ. އޭނާގެ ޖަމިއްޔާ "ޔީލްޑް ގިވިންގް" މެދުވެރިކޮށް 1,600 އަށްވުރެ ގިނަ ޖަމިއްޔާތަކަށް ބިލިއަނުން ޑޮލަރު ހަދިޔާކުރައްވާފައިވާއިރު، ގިނަ ފަހަރަށް މި ފައިސާ ދެއްވަނީ އެއްވެސް ޝަރުތަކާ ނުލައެވެ. މީގެ ސަބަބުން އެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތް ނިންމުމުގެ އިޚްތިޔާރު އެހީ ލިބޭ ފަރާތްތަކަށް ލިބިގެންދެއެވެ.

އޭނާގެ އެހީތައް ތައުލީމު، އިގްތިސާދީ ކުރިއެރުން، ނަސްލީ ހަމަހަމަކަން، މޫސުމީ ބަދަލުތައް، އަންހެނުންގެ ހައްގުތައް، ކާނާގެ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް އަދި ތާރީޚީ ގޮތުން ކަޅު ނަސްލުގެ މީހުންނަށް ޚާއްސަ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ވަނީ ފޯރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހަމައެކަނި 2025 ވަނަ އަހަރުވެސް ސްކޮޓް ވަނީ ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ހަދިޔާކުރައްވާފައެވެ. މިއީ އެ އަހަރު އެމެރިކާގައި ދެވުނު އެންމެ ބޮޑެތި ހިލޭ އެހީތަކުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ.

ސްކޮޓްގެ މި އުސޫލަށް މަދަނީ ޖަމިއްޔާތަކުގެ ވެރިންނާއި ހިލޭ އެހީގެ ދާއިރާގެ މާހިރުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައި އިތުބާރުގެ މައްޗަށް ބިނާވެފައިވާ މި އުސޫލުގެ ސަބަބުން، ދިގުދެމިގެންދާ އެޕްލިކޭޝަންތަކާއި ރިޕޯޓްތައް ތައްޔާރުކުރުމުގެ ބަދަލުގައި، ޖަމިއްޔާތަކުގެ އަސްލު މަގްސަދުތަކަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެހީ ލިބުނު ގިނަ ޖަމިއްޔާތަކުން އެ ފައިސާ ބޭނުންކޮށްފައިވަނީ އެ ފަރާތްތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ޚިދުމަތްތައް ފުޅާކުރުމަށާއި، ފަންޑު ހޯދުމުގެ މަސައްކަތްތައް ރަނގަޅުކުރުމަށެވެ.

ނަމަވެސް، އޭނާގެ މި އެހީތަކަށް ކޮންޒަވޭޓިވް (ކަނާތު ފިޔައިގެ) ޚިޔާލުގެ މީހުންނާއި މަސްކް ފަދަ ބައެއް އާންމު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ފަރާތްތަކުން ސުވާލު އުފައްދަނީ އެހީ ލިބޭ ބައެއް ޖަމިއްޔާތަކުގެ ފިކުރީ މިސްރާބާ މެދުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އެހީ ލިބޭ ބައެއް ގްރޫޕްތަކުން ކުރިއަރުވަނީ ޑައިވާސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ފަދަ އެމީހުން ދެކޮޅުހަދާ ޕްރޮގްރެސިވް ކަންކަމެވެ.

މިއީ ސްކޮޓްގެ ހިލޭ އެހީއަށް މަސްކް ފާޑުވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އޭނާ ވަނީ އެ ހަދިޔާތަކަކީ "ކަންބޮޑުވާންޖެހޭ" ކަމެއްގެ ގޮތުގައި ސިފަކުރައްވައި، މުއްސަނދި ކުރީގެ އަނބިން ޕްރޮގްރެސިވް ޖަމިއްޔާތަކަށް އެހީތެރިވެގެން ހުޅަނގުގެ ސިވިލައިޒޭޝަން ހަލާކުކުރުމަށް ބާރުއަޅާ ކަމަށް ތުހުމަތުކުރައްވާފައެވެ.

26 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހަދިޔާކުރެއްވި ނަމަވެސް، ސްކޮޓް އަދިވެސް ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައެވެ. އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައެއް ގުޅިފައިވަނީ އެމެޒޯންގެ ހިއްސާތަކާއެވެ. އެ ހިއްސާތަކުގެ އަގު އުފުލެމުންދާތީ، ބިލިއަނުން ހަދިޔާކުރެއްވި ނަމަވެސް އޭނާގެ މިލްކިއްޔާތުގެ އަގު ދަނީ ހިފެހެއްޓެމުންނެވެ.

ސްކޮޓް ވަނީ 2019 ވަނަ އަހަރު "ގިވިންގް ޕްލެޖް" ގައި ސޮއިކުރައްވާފައެވެ. އެއީ އޭނާގެ ހަޔާތުގެ ތެރޭގައި މުއްސަނދިކަމުގެ މަދުވެގެން ދެބައިކުޅަ އެއްބައި ހަދިޔާކުރުމަށް ވެފައިވާ އިގުރާރެކެވެ. އޭނާގެ ހަލުވި އަދި ބޮޑެތި ހުރަސްތަކެއް ނެތް ހަދިޔާކުރުންތަކުގެ ސަބަބުން، ޒަމާނީ ދަރުމަވެރިކަމުގެ ސިފަ މުޅިން ބަދަލުވެ، ދުނިޔޭގައި ނުފޫޒުގަދަ އެހީތެރިންގެ ތެރޭގައި އޭނާ ހިމެނިއްޖެއެވެ.

މަސްކްގެ އެންމެ ފަހުގެ ވާހަކަތަކާ ގުޅިގެން، ބިލިއަނަރުންގެ ދަރުމަވެރިކަމާ މެދު އަނެއްކާވެސް ބަހުސްތައް ވަނީ ހޫނުވެފައެވެ. ސްކޮޓްގެ އެހީތެރިކަން ބޭނުންޖެހިފައިވާ މުޖުތަމައުތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ތާއީދުކުރާ ފަރާތްތަކުން ތައުރީފުކުރާއިރު، ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަނީ އިޖުތިމާއީ އަދި ސިޔާސީ އިސްކަންދޭ ކަންކަން ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުއްސަނދިކަން މިހާ ބޮޑު ދައުރެއް އަދާކުރަންޖެހޭތޯއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް